logo
banner image

"ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބިގެން ރައްޔިތުން ކުރާ ޝަކުވާތަކަށް ނިމުން ގެންނާނަން"

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށާއި އެކަން ރަނގަޅުކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށްކަން ފާހަގަކުރައްވާ ސީޕީ ވަނީ ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ތަހުގީގުގެ ކަންކަން ރައްޔިތުންނަށް އެނގިގެންދާނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ތަހުގީގުތައް މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އެނގިގެންދިއުން ވަރަށް މުހިންމު. ގޮންޖެހުންތަކުގައި ހުރި ކަންކަމަކީ. މިހާރު އިންވެސްޓިގޭޝަން ކަންކަން ވަރަށް ކޮމްޕްލެކްސްކޮށް މިއޮތީ. އަޅުގަނޑުމެންގެ ތަހުގީގުތައް ބައްޓަން ކުރުމަކީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުމެއް. އެހެންވީމަ އެކަންކަން ރަނގަޅު ކުރުމަށް ޓްރެއިން ކުރުމާއި ރީޓްރެއިން ކުރުމާއި ސުޕަވައިޒަރސްގެ ސްކިލްސް ބިލްޑް ކުރުމަކީވެސް އަޅުގަނޑުމެން ކުރާނެ ކަމެއް. އަދި ކުރަން ފައްޓާފައިމިހާރު ވާކަމެއް އެއީ. ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން

ފުލުހުންގެ ޚިދުމަތާމެދު ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވާ ސީޕީ ވިދާޅުވީ އެކްޓިން ކޮމިޝަނަރގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެންމެ އިސްކަމެއް ދެއްވީ ފުލުހުންގެ ޚިދުމަތާމެދެ ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމަށް ފުލުހުންނަށް ކުރެވިދާނެ ކަންކަން ބަލައި އެގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރައްވަމުންދާ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ރައްޔިތުންނާއި ފުލުހުންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އައު ކަންކަން ފެށުމަށްވުރެ ބޮޑަށް މިހާރު ފަށާފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އެގޮތުން، އަވައްޓެރި ފުލުހުންނަކީ ކާމިޔާބު މަސައްކަތެއް ކަމަށާއި އެކަންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ޒަރީއާއިން ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.