ގިނަ އަދަދެއްގެ ސާމާނުތަކެއް ވަގަށް ނަގައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި
ވަގަށް ނަގާފައިވާ ސައިކަލަކާއި އިތުރު އެހެނިހެން ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މިމަހުގެ 13ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައި ހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެންނެވެ.
އަދި އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވެއެވެ. އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން މިހާތަނަށް އެނގިފައިވެއެވެ.
މީގެއިތުރުން އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު ތަކެތި ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.