logo
banner image

ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފި

ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލާފައިވާ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު ނައްތާލާފައިވަނީ 215 ފުޅި ބަނގުރަލާއި 4 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ 2024 ޑިސެންބަރު 14 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ހަނިމާދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައް ނައްތާލާފަވާއިރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތައްވެސް ދާދި ފަހުން ވަނީ ނައްތާލާފައެވެ.

މި ތަކެތި ނައްތާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިސް ގޯތި ތެރޭގައެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި ކުޅުދުއްފުށި ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގާފައިވާ ތަކެއްޗެވެ.

މީގެ ތެރޭގައި ހިމެނެނީ 24 މައްސަލައެއްގައި ހިމެނޭ 34 ފުޅި ބަނގުރަލާއި ބަނގުރާ ދަޅަކާއި 8 ހަން އަދި 5 ލީޓަރުގެ ތިން ފުޅި ހިމެނޭ ކަމަށް ފުލުހުން ވިދާލުވިއެވެ.