މޭނާ ސްކޫލު ބެލެނިވެރިންނަށް ސައިބަރ ކްރައިމް އެވެއާނަސް ސެޝަނެއް
ނ. ހޮޅުދޫ މޭނާ ސްކޫލް ބެލެނިވެރިންނަށް ސައިބަރ ކްރައިމްއާއި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް 21ވަނަ ދުވަހުއެވެ.
މި ސެޝަނުގައި، ރާއްޖޭގައި ހިންގަމުންދާ ސައިބަރ އަދި ސްކޭމްގެ ކުށުގެ އަމަލުތަކާއި، އޮޅުވާލައިގެން ހިންގާ އެފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމަށްހުރި ފުރުސަތުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.
އަދި ކުޑަކުދިންނަށް ފޯނުދީ، ގިނަ ފަހަރު ނުބެލެހެއްޓިގެން ދިއުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުދިން ސައިބަރ ބުލީންގ އަދި ބްލެކްމެއިލްގެ ޝިކާރައަކަށްވާ މައްސަލަތައް މަދުކޮށް ސަލާމަތްވާނެ ގޮތް ކިޔައިދީފައިވެއެވެ.
އަދި ފޯނާއި ކޮމްޕިއުޓަރު ފަދަ ތަކެތީގައި ހުންނަ ޒާތީ މައުލޫމާތު ވަގަށްނަގާ މައްސަލަތަކާއި، އެކަމުގެ ސަބަބުން އެނގެން ނުޖެހޭ ގިނަ މައުލޫމާތު ކުށްކުރާ ފަރާތްތަކަށް އެނގި، ފައިސާގެ ބޮޑެތި ކުށްތައް ހިނގާތީ އެ ކަންކަމަށް ސަމާލުކަންދިނުމަށް އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން، އަމިއްލަ ފޯނާއި، ޑިޖިޓަލް ޑިވައިސްތަކާ އަދި ބޭނުންކުރާ އެޕްލިކޭޝަންތައް ރައްކާތެރި ކަމާއެކު ބޭނުންކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ސެކިއުރިޓީ ވަރުގަދަ ކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާ ކޮށްފައިވެއެވެ. މި ސެޝަނުގައި އެ ސްކޫލުގެ 60 ބެލެނިވެރިން ބައިވެރިވިއެވެ.