ޤަަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިއަ 08 ބިދޭސީން ހައްޔަރުކޮށްފި
ޤަަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިއަ 08 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ހަވީރު ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަންގައި، މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ވަނީ ބަލައި ފާސްކޮށްފައެވެ.
އަދި މި ތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިއަ 08 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. މިއާއެކު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "އޮޕަރޭޝަން ކުރަނގީ"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި މިހާތަނަށް 109،722 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ޑޭޓާ ވަނީ އެއްކޮށްފައެވެ.