ޒައިދާން ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފުލުހުން ފަށައިފި
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ދިވެހި ފިރިހެނަކު ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މީހާ ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޒައިދާން މުޙައްމަދު ހާޝިމް، ގ. ސިނަމާލެ 1، 05-13 / މާލެ (28އ) އެވެ.
ޒައިދާން މުޙައްމަދު ހާޝިމް ހޯދަމުންދަނީ އޭނާގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 20ވަނަ ދުވަހުގެ 10:30އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޒައިދާން މުޙައްމަދު ހާޝިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ޒައިދާން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފަވާއިރު އޮޅުވާލައިގެން މުދަލާއި ފައިސާ އިތުރު ބައެއްގެ އަތުން އޭނާ ނަގާފައިވޭތޯވެސް ފުލުހުން ވަނީ 2023ވަނަ އަހަރުގައިވެސް ބަލާފައެވެ.
ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން މުދަލާއި ފައިސާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭތީ ޒައިދާން 2022ވަނަ އަހަރުވެސް ބަންދުކުރިއެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާގެ އެފަދަ އެހެން މައްސަލަތައް ވެސް ތަހުގީގު ކުރާ ކަމަށް ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައިވެއެވެ.