ކުޑަކުދިން ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށްޓަކައި ދިރާސާއެއް ހަދަނީ
ކުޑަކުދިން ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުވަނަލް ޖަސްޓިސްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑީޖޭޖޭގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ހެދުމަކީ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި އެގޮތުން ދިރާސާ ހެދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދުވުމަކީ ރަނގަޅު މެކޭނިޒަމެއް މީގެ ތެރޭގައި ހިމެނިގެން ދިޔުން. އެހެންކަމުން މީގެ ކުރިން ހުށަހެޅެމުންދިޔަ ތަފާސްހިސާބުތަކަށް ބަލާއިރު އަދަދު މަޑުވެފަ މިވަނީ. އެއީ ކުޑަކުދިންގެ އަދުގެ ޤާނޫނަކީ ކުޑަކުދިންނަށް ޚާއްސަ އަދި ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ވަރަށް ބާރުއަޅާ ނިޒާމެއްގެ ގޮތުގަ މިއޮންނަނީ. އެހެންކަމުން ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިން ކުށްތަކަށް ހުށަހެޅޭ އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް އަޅުގަނަޑުމެން ރަނގަޅު ދިރާސާއެއް ހެދީމަ އެނގޭނީ ކުދިން ކިހާ ހިސާބެއްގައިކަން ކުށްތަކަށް އަރައިގަންނަނީ. މުޖުތަމަޢުއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފި. ޑީޖޭޖޭގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް
ކުޑަކުދިންގެ އަދުލުގެ ޤާނޫނެއް ފާސްވެގެން އައީ 2019ވަނަ އަހަރުގައިކަން ފާހަގަކުރައްވާ ހުނާނާ ވިދާޅުވީ ޕްރޮސެސްގެ ތެރެއިންދާ ކަމަށްވާނަމަ ކުޑަކުދިން ކުށްތަކަށް ހުށަހެޅޭ މިންވަރު މަދު ކަމަށާއި އެއީ އަދުލުގެ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން އައި ބަދަލެއް ކަމަށެވެ.
މީގެ އިތުރުން މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ވަހީދު ވިދާޅުވީ ކުށްތަކަށް ހުށަހެޅޭ ކުޑަކުދިންގެ ރޭޓް މަދު ކުރުމަށްޓަކައި މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.
އެގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތަކުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށާއި މި މަސައްކަތުގެ ނަތީޖާ ފެނިގެންދާނީ ފޮނިކޮށް ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިހްސާން މި އަންނަނީ ގޭންގް މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަ އަދި ކުޑަކުދިންގެ މައްސަލަ ޖުމްލަކޮށް ހުރިހާ މައްސަލައަކަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ހަމަ ވަރަށް ގާތުން ބައްލަވަމުން އަދި މަސައްކަތްތަކެއް އެބަ ކުރައްވާ. ފާއިތު އަހަރު އަޅުގަނޑުމެންނަށް ހުށަހެޅިފަ ހުރި މައްސަލަތައް ފެންނަން އޮތީ ވަރަށް ބޮޑަށްވެސް ދަށްވެފަ ހުރިތަން. ޑެޕިއުޓީ މިނިސްޓަރ ހަސަން ވަހީދު
ޑެޕިއުޓީ މިނިސްޓަރ ވަނީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.
ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ހޯޕް އައިލެންޑްގެ އަމަލީ މަސައްކަތް ފަށާނީ ފަންޑް ހަމަޖެހުމުން ކަމަށާއި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި މަސައްކަތްކޮށް ނިންމާލާނީ ފޮނި ނަތީޖާއާއެކުގައި ކަމަށް ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަދި މި ރަށުގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދިނުމަށް ނިންމާފަވާއިރު ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގްރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގްރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޖިނާޢީ ކުށެއް ކޮށްގެން ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.