ތުރުކީގެ މާސްޓަރސް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހަކު ފުރައިފި
ތުރުކީވިލާތުގައި ހިންގާ މާސްޓަރސް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް އަބްދުއްސަމީޢު އަބްދުލްޙަމީދު ފުރައިފިއެވެ.
ސާޖަންޓް އަބްދުއްސަމީޢު ބައިވެރިވަނީ ތުރުކީގެ ޖޯންޑާމަރީ އެންޑް ކޯސްޓްގާޑް އެކަޑަމީގެ ސެކިއުރިޓީ އިންސްޓިޓިއުޓުން ހިންގާ، ތީސިސްއާއެކު ކުރިއަށްގެންދާ މާސްޓަރސް ޕްރޮގްރާމެއްގައެވެ. މި ޕްރޮގްރާމް ފެށޭނީ 2024 ނޮވެމްބަރު 1 ގައެވެ.
މި ޕްރޮގްރާމުގެ ދަށުން، ފުރަތަމަ އަހަރު ސާޖަންޓް އަބްދުއްސަމީޢު ހޭދަކުރާނީ ތުރުކީ ބަސް ދަސްކުރުމަށެވެ. އޭގެ ފަހުން، 2025 ގެ އޮކްޓޫބަރު މަހުން ފެށިގެން މާސްޓަރސް ޕްރޮގްރާމްގެ ކިޔެވުން ފަށާނެއެވެ. މި ޕްރޮގްރާމްގައި ކްރިމިނަލް އިންވެސްޓިގޭޝަން، ސެކިއުރިޓީ މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޑިޒާސްޓަރ މެނޭޖްމަންޓް، މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ އަދި އިންޓަރނޭޝަނަލް ސެކިއުރިޓީ އެންޑް ޓެރަރިޒަމް ފަދަ ދާއިރާތަކުން ކިޔަވައިދޭނެއެވެ.
ސާޖަންޓް އަބްދުއްސަމީޢަކީ ފުލުހުންގެ އިނީޝަލް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބެޗްގެ ކޮމިޝަނަރސް އެވޯޑް ލިބިފައިވާ ފުލުހެވެ.