އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް ހދ. އަތޮޅުގެ ދެ ރަށެއްގައި މައުލޫމާތުދީފި
އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތްތަކެއް ހދ. މަކުނުދުއާއި ނެއްލައިދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ތެރެއިން މައުލޫމާތުދީފައިވަނީ ނެއްލައިދުއާއި މަކުނުދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، މަކުނުދޫ ސްކޫލުގެ ބެލެނިވެރިންގެ އިތުރުން އިސްރަށްވެހިންނަށެވެ.
ސައިބަރ އެވެއާނެސް މަސް ފާހަގަކުރުމުގެގޮތުން މި މަހުގެ 27ވަނަ ދުވަހު މި ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި، ސްކޭމްގެ މައްސަލަތަކާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ޕޭރަންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތައް ބޭނުންކުރުމުގެ މުހިންމުކަމާއި އެޕްލިކޭޝަންތަކުގައި ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑު ބޭނުންކުރާނެގޮތާއި، ޓޫފެކްޓަރ އަދި މަލްޓި ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ގޮތް ނޭނގޭ ލިންކުތަކަނަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެއެވެ
އޭގެ އިތުރުން، ދަރިންނަކީ އިންޓަނެޓްގެ މެދުވެރިކޮށް ގޭމް ކުޅުމާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ހަރަކާތްތެރިވާއިރު ދަރިންކުރާ ކަންކަން ގާތުން ބެލުމަށާއި އިންޓަނެޓް މެދުވެރިކޮށް ދަރިން ވާހަކަދައްކަނީ ކޮންބަޔަކާ ކަން ރަނގަޅަށް ބެލުމަށް ނަސޭހަތްތެރިވިއެވެ.
މީގެއިތުރުން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށާއި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް މައުލޫމާތުދީފައިވެއެވެ.
ހަމައެހެންމެ އިސްރައްވެހިންނާ ބައްދަލުކޮށް، ސްމާޓް ފޯނު ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޝަހުސު އޮޅުވާލައިގެން މައުލޫމާތު ހޯދަން މަސައްކަތްކުރާ މީހުންނާ މެދު ސަމާލުވުމަށާއި އެފަދަ ފޯނު ކޯލުތައް ދެނެގަންނާނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
އަދި ފޯނުން ވީޑިޔޯ ބަލާއިރު އަންނަ ތަފާތު އެޑްތަކަށް ނުފިއްތުމަށާއި ކުށްތަކުން ރައްކާތެރިވުމަށް ކުރާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން ބައެއް އިސްރައްވެހިންގެ އެދުމުގެ މަތިން އެމީހުންގެ ފޯނުގެ ސެޓިންގ ފުލުހުން ބަދަލުކޮށްދީފައިވެއެވެ.