logo
banner image

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭރުގެ ދަތުރުވެރިންނަށް އީ-ގޭޓްގެ ޚިދުމަތް ފުޅާކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ދަތުރުފަތުރުގެ ނިޒާމު ހަލުވިކޮށް ލުއިފަސޭހަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ) ގައި ޤާއިމުކޮށްފައިވާ އީ-ގޭޓުގެ ޚިދުމަތް ބޭރުގެ ދަތުރުވެރިންނަށް ފުޅާކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުންނެވެ. މިއާއެކު ދިވެހިންގެ އިތުރުން ބޭރުގެ ދަތުރުވެރިންނަށް ވެސް މިހާރު ފަސޭހަކަމާއެކު އީ-ގޭޓު ބޭނުންކުރެވޭނެއެވެ.

ވީ.އައި.އޭގައި ޖުމްލަ 35 އީ-ގޭޓް ގާއިމުކޮށްފައިވާއިރު، މީގެތެރޭގައި އެރައިވަލްގައި 20 ގޭޓް އަދި ޑިޕާޗާގައި 15 ގޭޓް ހިމެނެއެވެ. މިއީ އިމިގްރޭޝަންގެ ޚިދުމަތްތައް ޒަމާނީކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކުރިން ހަމައެކަނި އިލެކްޓްރޯނިކް ޕާސްޕޯޓުގައި ދަތުރުކުރާ ދިވެހިންނަށް ހާއްސަކޮށްފައިވާ މި ޚިދުމަތް، ބޭރުގެ ފަރާތްތަކަށް ހުޅުވާލުމާއެކު، ދެކުނު އޭޝިއާ ސަރަޙައްދުގައި މިހައި ފުޅާ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކަށް އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސް ދޭ ފުރަތަމަ ޤައުމަށް ރާއްޖެ ވެގެންދާނެއެވެ.

ދުވާލަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ރާއްޖެ ފަދަ ޤައުމަކަށް މި ޚިދުމަތަކީ އިމިގްރޭޝަން ކްލިއަރެންސަށް ހޭދަވާ ވަގުތު ކުޑަކުރުމަށް ލިބުނު ވަރަށް މުހިންމު ހައްލެކެވެ. މި ޚިދުމަތް ފުރަތަމަ ފެސިގެން ދާއިރު ކަނޑައެޅިފައިވާ 46 ޤައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށާއި، މި ޚިދުމަތުގައި މިހާތަނަށް ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ފަސިންޖަރުންނަށް، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަންގެ މަރުޙަލާ ނިންމާލެވޭނެއެވެ.

އަލަށް ތައާރަފުކުރި މި ނިޒާމުގައި ހިމެނޭ އެންމެ ފަހުގެ ބަޔޯމެޓްރިކް ޓެކްނޮލޮޖީގެ އެހީގައި، ފޭޝަލް ރިކޮގްނިޝަން އަދި އައިރިސް ސްކޭން ބޭނުންކޮށް ސަހުޝު ކަށަވަރުކޮށް، ޕާސްޕޯޓުގެ ސައްހަކަން ޔަގީންކުރުމަށްފަހު ކޮންމެ ފަސިންޖަރަކަށް ގާތްގަނޑަކަށް 6 އާއި 7 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި އިމިގްރޭޝަން ކްލިއަރެންސް ނިންމާލެވޭނެއެވެ.

މީގެ ސަބަބުން އިމިގްރޭޝަން ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، ވަކިން ހާއްސަކޮށް އެއާޕޯޓު ބާރުބޮޑުވާ ވަގުތުތަކުގައި ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އީ-ގޭޓްތަކުގައި ބޭނުންކުރަނީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަނެވޭ ފަދަ އެންމެ ޒަމާނީ ބަޔޯމެޓްރިކް ވެރިފިކޭޝަން ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް ފަސިންޖަރާއި އިލެކްޓްރޯނިކް ޕާސްޕޯޓުގައި ހުންނަ މަޢުލޫމާތާއި އަޅާކިޔައި ކަށަވަރުކުރެވޭނެއެވެ.

މީގެ އިތުރުން، ޕާސްޕޯޓު ޗިޕުގައިވާ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް "ޕެސިވް އޮތެންޓިކޭޝަން" (PA) އަދި ޕާސްޕޯޓު ޗިޕަކީ އަސްލު ޗިޕެއްކަން ކަށަވަރުކުރުމަށް "އެކްޓިވް އޮތެންޓިކޭޝަން" (AA)މި ނިޒާމުގައި ބޭނުންކުރެއެވެ.

މި ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން އައިޑެންޓިޓީ ފްރޯޑް ނުވަތަ މީހެއްގެ މައުލޫމާތު ބޭނުންކޮށްގެން އޮޅުވާލައިގެން ކުރާ ކަންކަން ހުއްޓުވައި، ބޯޑަރުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މީގެއިތުރުން، ޓޫރިސްޓް ވިސާގައި ރާއްޖެ އަންނަ ބިދޭސީން އިމިގްރޭޝަން ކައުންޓަރު ނުވަތަ އީ-ގޭޓް މެދުވެރިކޮށް ކްލިއަރެންސް ފުރިހަމަކުރުމުން، އޮޓޮމޭޓެޑް "އީ-ވިސާ" އެއް ދޫކުރެވޭނެއެވެ.

މި ވިސާގެ ތަފްސީލާއި ރާއްޖޭގައި ހުރެވޭ މުއްދަތު، "އިމުގާ" ޕޯޓަލްއިން "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރިހަމަކުރާއިރު ދަތުރުވެރިޔާ ހިމަނާފައިވާ އީމެއިލަށް ވަގުތުން ލިބޭނެއެވެ. އަދި މި ވިސާއަކީ ފަތުރުވެރިޔާ ރާއްޖެއިން ފުރުމާއެކު ސިސްޓަމުން އަމިއްލައަށް ކެންސަލްވާނެ ވިސާއެކެވެ.

ދިވެހިންނާއި ބޭރުގެ ދަތުރުވެރިންނަށް ރާއްޖެ އަންނައިރު އަދި ފުރާއިރުވެސް އޮޓޮމޭޓެޑް އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ދިނުމަށް ނިންމި ނިންމުމަކީ، ބޯޑަރުގެ ކަންކަން ބެލެހެއްޓުން ޒަމާނީކުރުމަށާއި، މަސައްކަތުގެ ހަލުވިކަން އިތުރުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.