ތުރުކީގެ ޕޮލިސް އެކަޑަމީގެ ތަމްރީނުތަކަށް ފުރާ އޮފިސަރުންނަށް ސީޕީ ހިތްވަރުދެއްވައިފި
ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޓާކިޝް ނޭޝަނަލް ޕޮލިސް އެކަޑަމީގައި ހިންގާ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމާއި، ޕޮލިސް ޗީފް ޓްރެއިނިންގ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޕްރޮގްރާމުގައި ބައިވެރިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ބައެއް ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ޕްރޮގްރާމްތަކަކީ އޮފިސަރުންގެ ފަންނީ މައުލޫމާތު މުއްސަނދިކޮށް، ލީޑަރޝިޕާއި ސެކިއުރިޓީ މެނޭޖްމަންޓް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް ލިބިގެންދާ ފުރުސަތެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ކުރިމަގަށް ތައްޔާރުވެފައިވާ ގާބިލު ފުލުހުންގެ ޚިދުމަތެއް ބިނާކުރުމުގައި މަތީ ތައުލީމާއި ފަންނީ ހުނަރު ކުރިއެރުވުމަށް ދެވޭ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ލިބިފައިވާ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ލީޑަރޝިޕް ހުނަރުތައް އިތުރަށް ތަރައްގީކޮށް، ތައުލީމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ޕޮލިސިންގ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް އޮފިސަރުންނަށް ކޮމިޝަނަރ ހިތްވަރު ދެއްވިއެވެ.
