މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގު ހަރުދަނާ ކުރުމަށް ސޮފްޓްވެއަރއެއް ބޭނުންކުރަން ފަށައިފި
"ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މިއީ މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްޚަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން ބޭނުންކުރަން ފެށި ސޮފްޓްވެއަރ އެކެވެ.
މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ.
މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނެއެވެ.
އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބިގެންދެއެވެ.
މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
