logo
banner image

ޖަލުތަކުގެ ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވަނީ ޖަލުތަކުގައި ޖާގަ އިތުރުކުރަމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި އަދި ކައިރި މުސްތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެއްވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

އޮފިސަރުންގެ ދަތިކަން ހައްލުކުރުމަށް ދަސްވެނިވި 10 ކުދިންގެ އިތުރުން މިހާރުވެސް މާފުށީ ޖަލުގައި އޮފިސަރުންތަކެއް ތަމްރީން ހާސިލުކުރަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

އަދި ޕްރިޒަން އޮފިސަރުންގެ ހިތްވަރާއި ހީވާގި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސީޕީ ފާހަގަކުރެއްވީ ކަރެކްޝަންސްގެ އޮފިސަރުން ސިފައިން އަދި ފުލުހުން ފަދައިން ޤައުމަށްޓަކައި ޚިދުމަތްކޮށް ފުރާނައިން ގުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި، ޒަމާނީ ވަސީލަތްތައް މަދުނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށް މަސައްކަތްކުރާކަމަށެވެ.

އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެލައްވަމުން، އޮފިސަރުންނާއި މުވައްޒަފުންގެ ހިވާގި އަދި ބުރަ މަސައްކަތްތަކަށް ސީޕީ ވަނީ ޝުކުރުދަންނަވާފައެވެ.

މީގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ކުރައްވަމުންދެންދަވަނީ ވަރަށް މުހިންމު އަދި ބުރަ ޤައުމީ ވާޖިބެއް ކަމަށާއި 55 އަހަރުވީ މި ޚިދުމަތަކަށް، 2013ގައި ޤާނޫނު ވުޖޫދުވެގެން ސިވިލް ސަރވިސްއިން ވަކި ޚިދުމަތަކަށް ބަދަލުވެގެން ގޮސް ތަރައްޤީ ވެފައިވީ ނަމަވެސް، ކަރެކްޝަންސްގެ މަސައްކަތްތައް އެންމެ ބޭނުންވާވަރަށް ޒަމާނީ ވެފައިނުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އޮފިސަރުން ތަމްރީނުކުރަމަށާއި ޤައިދީން އިސްލާހުކުރުމަށް އައިކޯސްޓުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، މިހާރުވެސް 200 އެއްހާ އޮފިސަރުންނާއި މުވައްޒަފުން ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކިޔަވަމުންދާ ކަމަށެވެ.

އަދި ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމަށްފަހު، އެ ގެއްލުނު ގޮޅިތަކުގެ ޖާގަތަކަށް ޙައްލެއް ނުހޯދެނީސް ޖަލުތަކަށް ބަންދުކުރުމަށް 520އަށް ވުރެއް ގިނަ މީހުން ވައްދަން ޖެހުމުން، ޖަލުތަކުގެ ޖާގައިގެ ދަތިކަމުގެ އިތުރުން ޤާނުނުގައި ލާޒިމްކުރާ ރޭޝިއޯއަށްވުރެއް އޮފިސަރުން މަދުވެ، ތިބި އޮފިސަރުންނަށް ލޯޑު ބޮޑުވެގެންދޭ. ސީޕީ ޒަރީރު

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި "އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙުއެވެ.

މީގެ އިރުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަލްއުސްތާޛާ ޢާއިޝަތު ޝިއުނާ، ހައިކޯޓްގެ ޣާޒީ އަލްއުސްތާޛް އިސްމާޢީލް ޝަފީއު، މޯލްޑިވްސް އިމިގްރޭޝަންގެ ވަގުތީ މާލީ ޒިންމާދާރުވެރިޔާ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަހީދު، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ޑިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާން، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން އަދި ދަސްވެނީންގެ ޢާއިލާތަކުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.