ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް: އިޙްސާން
ހަގީގީ ލީޑަރުންނަކީ ތިމާ ވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވިމެން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ހަޤީޤީ ލީޑަރުންނަކީ ތިމާވަށައިގެން ތިބި މީހުންނަށް ނަމޫނާ ދައްކާ ހިއްވަރު ގަދަ ބައެއްކަން ފާހަގަކުރައްވާ އަދި އެފަދަ ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުން މަސައްކަތް ކުރުމަށް އަންހެން ފުލުހުންނަށް ގޮވާލައްވާފައެވެ.
އަދި ލީޑަރުންނަކީ އަމިއްލަ ޤާބިލްކަމާއި ނަފުސައް އޮންނަ އިތުބާރާއި، އިސްނެގުން ކުރިއަށް ނެރޭނެ ބައެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ލީޑަރުން އަބަދުވެސް މަސައްކަތް ކުރާނީ އެކުގައި މަސައްކަތް ކުރާ އެންމެންނާއި ގުޅިގެން. ކަންކަމުގައި އަމިއްލަ ނަޒަރިއްޔާ ހިއްސާކޮށްގެން. މައްސަލަތައް އިސްވެ ހައްލުކުރުމުގެ ސަޤާފަތެއް ބިނާކުރުމަކީވެސް މުހިންމު ކަމެއް. ވަޒީރު
މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ފުރުޞަތު ދިނުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބައްޓަން ކުރުމަކީވެސް ލީޑަރެއްގެ ސިފައެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 17 ވަނަ ދުވަހަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި ދުވަހަކީ 2021 އޮކްޓޫބަރު 3ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައިގަތް "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ"ގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ.
