މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ރައީސް ދެއްވާ: ސީޕީ
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއްދެއްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ "އިންޓަރ-އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް: ރިވިޒިޓިންގ ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ދީނީގޮތުންނާއި ގައުމީގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ ލާޒިމު ކަމެއް. މިފަދަ ފޯރަމްތައް ރާއްޖޭގެ އެހެން ޑިވިޜަންތަކާއި ރީޖަންތަކުގައިވެސް ބޭއްވުމަކީ މުހިންމު ކަމެއް. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމުއިއްޔާތަކަށް ފުލުހުންގެ އެއްބާރުލުން އަބަދުވެސް އޮންނާނެ. ސީޕީ
ފޯރަމްތަކުން ނިމޭ ނިންމުންތައް އަމަލީ މައިދާނަށް ގެނައުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވަނީ، ކަރުދާހުގައި ނޯޓުކުރެވޭ މުހިންމު އިލްމީ ވާހަކަތައް ހަމައެކަނި މަޝްވަރާއެއްގެ ގޮތުގައި ނުބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި އޭގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން މަސައްކަތް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރަށް މި ފޯރަމްގައި ކަނޑައެޅުނު ލަނޑުދަނޑިތަކަށް ވާސިލުވުމަށް ފުލުހުންގެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.
ފޯރަމްގެ މަޝްވަރާތަކަށްފަހު އެއްބަސްވެވުނު 12 ނުކުތާއަކީ ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް މަސްތުވާތަކެތީގެ މައްސަލައިގައި ކުރިއެރުންތަކެއް ހޯދައިދޭނެ މުހިންމު ނިންމުންތަކެއް. އަދި މަސްތުވާތަކެއްޗަކީ ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް އެކަނި އޮތް މައްސަލައެއް ނޫން. މުޅި ދައުލަތާއި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދަންޖެހިފައިވާ ބޮޑު ގައުމީ މައްސަލައެއް. ސީޕީ
މި މަސައްކަތުގައި ޑްރަގް ކޯޓާއި، އެންޑީއޭ އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހިމެނޭހެން ދައުލަތުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
"އިންޓަރ-އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް"ގައި އެއްބަސްވި 12 ނުކުތާ އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
