logo
banner image

"ކޮންޓްރޯލް އޮފް ޑްރަގް އޮފެންސަސް" ޕްރޮގްރާމުގައި މުފްލިޙް ބައިވެރިވެއްޖެ

"ކޮންޓްރޯލް އޮފް ޑްރަގް އޮފެންސަސް" ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

މިއީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މިދިޔަ މަހުގެ 19 އިން މި މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް މުފްލިޙް އިބްރާހީމެވެ.

މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ކުށްތަކާ ދެކޮޅަށް އެޅިދާނެ އެކި ފިޔަވަޅުތަކާއި، ޖަޕާންގެ އިތުރުން ބައިވެރިވި ގައުމުތަކުގައި މަސްތުވާތަކެތީގެ ކުށްތައް މިހާރު އޮތް ހާލަތު ދެނެގަނެ، އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ.

އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މީގެއިތުރުން، ބައިވެރިވި ގައުމުތަކާއި ޖަޕާނާ ދެމެދު ތަޖުރިބާއާއި މައުލޫމާތު ބަދަލުކޮށް، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން މި ޕްރޮގްރާމްގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެއެވެ.