ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެ ބަޔަކު އަނެއްކާވެސް ހޯދަނީ!
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ކަސްޓަމަރ ސާރވިސް ކައުންޓަރ އޭރިއާ ކޮންސެޕްޓް ޑިޒައިންކޮށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ޑީ.އެން.އާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ 02ވަނަ ދުވަހުއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިއަދު ބުނީ 02 އޮގަސްޓް 2026ގައި ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އިޢުލާނުގައި ހިމެނިފައިވާ މަސައްކަތުގެ ސްކޯޕަށް ބަދަލުގެނައުމަށް ފަހު އަލުން ވަނީ އިޢުލާންކޮށްފައެވެ.
މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން ޑީ.އެން.އާރުގެ ކަސްޓަމަރ ސަރވިސް ކައުންޓަރއޭރިއާ ކޮންސެޕްޓް ޑިޒައިންކޮށް އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 09 ސެޕްޓެމްބަރ 2026ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 3033265 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެމްބަރ 2026ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޑީ.އެން.އާރުން ވަނީ އެދިފައެވެ.
ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ކަމަށާއި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މި މަސައްކަތަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ޑީ.އެން.އާރުން ދެމުންދާ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސަރަހައްދުގައި ޑީއެންއާރުގެ އިތުރު 3 އޮފީހެއް (ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލެ) ހުޅުވައި، ޚިދުމަތް ދަނީ ދެމުންނެވެ.
މީގެއިތުރުން، މެލޭޝިޔާ، ސްރީލަންކާ އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އިތުރުން ބައެއް ރަށްރަށުގައިވެސް އައި.ޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
މި ޚިދުމަތް ރަށްރަށުގައި ފެށުމާއެކު، ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައެވެ. އެގޮތުން، އައި.ޑީ ކާޑު ހެދުމަށް އޮންލައިންކޮން ހުށަހެޅުމާއި، އެމީހަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ތަނަކުން އަވަސްކަމާއެކު ލިބިގެން ދެއެވެ.
