ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކި 6 ބިދޭސީން ހައްޔަރުކޮށްފި
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުުހުން ވިދާޅުވީ ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދާ ދެނެގަނެ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން 06 ބިދޭސީން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންނެވެ.
މި މީހުންތައް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެއިންކޮށްފައެވެ.
މިހާތަނަށް ތަހްޤީޤުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި 3 އަހަރުގެ ތެރޭގައި މިފަރާތްތަކުގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00ރ (ފަންސާސް ހަތަރު މިލިޔަން ހަތަރުލައްކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އާއ،ި 1،627،810 ޑޮލަރު (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ ޔޫއެސްޑޮލަރު) ދައުރުކޮށްފައިވާކަން ވަނީ ފާހަގަގަކުރެވިފައެވެ.
މިފަރާތްތަކަކީ ހުއްދަދެވިފައިވާ މަސައްކަތްކުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކެއްކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން ވިދާޅުވީ ޤާނޫނާ ޚިލާފަށް ބޭރު ފައިސާގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާއި ޚިލާފު އަމަލުތަކުން ހޯދައި ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެފަރާތްކާއި ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ފަރާތަކުން ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށްވާތީ ޤާނޫނާއި ޚިލާފް އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއެވެ.
