ފުލުހުން މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި 22 އަހަރު
މިއަދު ދިވެހިރާއްޖޭގެ މަގުމަތިން ފެންނަ ނޫ ކުލައިގެ ފުލުހުންގެ ޔުނީފޯމާއި ފުލުހުންގެ ބެޖުގެ ފަހަތުގައިވަނީ ދިގު ތާރީހީ ދަތުރެކެވެ.
އެއީ އެތައް ބައެއްގެ މިންނެތް މަސައްކަތާއި، އެތައް ޖީލެއްގެ ގުރުބާނީއާއި، ދިވެހި ރައްޔިތުންނާ ގުޅިފައިވާ އުންމީދީ ފަލްސަފާއެއްގެ ރަމްޒެވެ. ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ގޮތުގައި 1 ސެޕްޓެމްބަރު ފާހަގަކުރަމުންދާއިރު، މިއީ ހަމައެކަނި މާޒީގެ ވާހަކަ ދައްކަންވީ ދުވަހެއް ނޫނެވެ. މިއީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ކަޑައްތުކުރި ރާސްތާއާއި، ކުރިމަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުގެ ފެންވަރާމެދު ފުންކޮށް ވިސްނާލަންޖެހޭ މުހިންމު މުނާސަބަތެކެވެ.
ފެށުމާއި އެއް ފުރާޅެއްގެ ދަށުގައި ހޭދަކުރި ޒަމާން
ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފުލުހުންގެ ހިދުމަތް ފެށިގެން ދިޔައީ 29 މާރިޗު 1933 ގައެވެ. އެއީ ރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ތިނެއް "ފުލުހު މީހުންގެ ގާނޫނު" ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އެންމެ ފުރަތަމަ އުފެއްދެވި ފުލުހުންގެ ފޯސްގައި ހިމެނުނީ 120 މީހުންނެވެ. އެހެންނަމަވެސް، 15 އޯގަސްޓް 1933 ގެ ފަހުން ފެށިގެން އެތައް ޒަމާނެއް ވަންދެން ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުން އައީ އެއް ބައެއްގެ ގޮތުގައެވެ. ސިފައިންނާއި ފުލުހުން ޚިދުމަތް ދެމުން ގެންދިޔައީ އެއް ފުރާޅެއްގެ ދަށުގައި، އެއް ޔުނީފޯމެއް ލައިގެންނެވެ.

އެހެންނަމަވެސް، ގައުމެއްގެ ދިފާއީ ބާރާއި މުޖުތަމައުގެ އަމަންއަމާންކަން ބަލަހައްޓާ ފުލުހުންނަކީ މުޅިން ތަފާތު ދެ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ ދެ ބައެއްކަން ޒަމާނާއެކު ސަރުކާރަށް ވިސްނެން ފެށިއެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ދިފާއީ އަސްކަރީ ފައުޖެއް އޮންނަ ފަދައިން، މުޖުތަމައުގެ އަމަނަށްޓަކައި މަދަނީ ހިދުމަތެއް އޮންނަންޖެހޭކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަށް ގަބޫލުފުޅުކުރެއްވުނެވެ. ފުލުހުންގެ ހިދުމަތް މުޖުތަމައުގެ ލޮލަށް ފެންނާނެހެން ފާޅުވެ، ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމްވުމަކީ ތަހުޒީބީ އުސޫލެއްކަމުގައި ދެކެވަޑައިގަތެވެ.
މި ވިސްނުންފުޅާއެކު، 2004 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ފުލުހުންނަކީ ވަކި މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަން ރަސްމީކޮށް އިއުލާންކުރެއްވިއެވެ.
ބޮޑު ބަދަލަށް ތައްޔާރުވުން: 6 މަސްދުވަހުގެ ބުރަ މަސައްކަތް
ފުލުހުންގެ މުއައްސަސާ ވަކި މަދަނީ ހިދުމަތަކަށް ބަދަލުކުރުމަކީ ހަމައެކަނި ނަމަކަށް ނުވަތަ ލިޔުމަކަށް ގެނެވުނު ބަދަލެއް ނޫނެވެ. ނަމަވެސް، އެއީ ޒަމާނީ ފުލުހުންގެ ތަސައްވުރާ އެއްގޮތަށް މުޅި މުއައްސަސާ ސުމަކުން ފަށައިގެން އާރާސްތުކުރުމެވެ. މި ބިޔަ މަސައްކަތް ފުރިހަމަކުރުމަށް ފުލުހުންނަށް ލިބިފައި އޮތީ އެންމެ 6 މަސްދުވަހުގެ ކުރު މުއްދަތެކެވެ.
މި މަސައްކަތް ވިލަރެސްކުރުމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އެކުލަވާލެއްވި ހާއްސަ 'ޗޭންޖް މެނޭޖްމަންޓް ކޮމެޓީ' ގެ ޗެއަރމަނަކަށް ހަމަޖެއްސެވީ އިބްރާހިމް ލަތީފެވެ. 8 މާރޗް 2004 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މި ކޮމެޓީގެ މަސައްކަތްތައް ފެށުނެވެ. ލިބިފައިވާ ކުރު މުއްދަތުގެ ސަބަބުން، ކޮމެޓީގައި ހިމެނުނު އޮފިސަރުން ވަނީ އެ 6 މަސް ދުވަހުގެ ތެރޭގައި އެވްރެޖް ގޮތެއްގައި ދުވާލަކު 17 ގަޑިއިރު މަސައްކަތްކޮށްފައެވެ.

މި ބަދަލު ގެނައުމުގައި ހަމައެކަނި ފުލުހުންގެ އެތެރޭގެ ވިސްނުމަށް ބަރޯސާވުމުގެ ބަދަލުގައި، ސިންގަޕޯރ ނެޝަނަލް ޔުނިވަރސިޓީގެ ޗޭންޖް މެނޭޖްމަންޓް އެކްސްޕަރޓެއްގެ އިރުޝާދު ހޯދިއެވެ. މީގެ އިތުރުން ރާއްޖޭގެ ތާރީހީ މާހިރުންނާއި، ދިވެހި އަދަބިއްޔާތުގެ ބޭފުޅުންނާއި، ގާނޫނީ ވަކީލުންނާއި، ދީނީ އިލްމުވެރިން އަދި ޑިޒައިނަރުންގެ ލަފަޔާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދިއެވެ. މި ދިރާސާތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، 1933 ގައި ފުލުހުންގެ ފޯސް އުފެދުނު ފަހުން 71 އަހަރު ވެފައިވީނަމަވެސް، ފުލުހުންގެ ހާއްސަ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނު އެކަށީގެންވާ ގޮތެއްގައި ދެވިފައި ނެތްކަމެވެ.
އެހެންކަމުން އައު މުއައްސަސާގެ އެންމެ ބޮޑު އެއް އަމާޒަކަށްވީ، ރާއްޖޭގައި މަރުކަޒުތައް ގާއިމުކޮށްގެން އަސާސީ ތަމްރީނުން ފެށިގެން ސްޕެޝަލައިޒްޑް ތަމްރީނުތަކާ ހަމައަށް ފުލުހުންނަށް އުނގަންނައިދިނުމެވެ.
1 ސެޕްޓެމްބަރު 2004: މޯލްޑިވްސް ޕޮލިސް ސަރވިސް އުފަންވުން
މަސްތަކެއްގެ ބުރަ މަސައްކަތަށްފަހު، 1 ސެޕްޓެމްބަރު 2004 ވަނަ ދުވަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ ޚިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. އެ ދުވަހުން ފެށިގެން މުއައްސަސާގެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" ކަމުގައި ހަމަޖެހުނެވެ. ކުރިން ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޔުނިޓެއްގެ ގޮތުގައި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުން އައި ފުލުހުންގެ ޚިދުމަތް، އެ ދުވަހުން ފެށިގެން ބަދަލުވެގެންދިޔައީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ހިނގާ ޔުނީފޯމް އެޅި ސިވިލް ބޮޑީއަކަށެވެ.

މި ތާރީހީ ރަސްމިއްޔާތުގައި ފުލުހުންގެ މައި މަރުކަޒުގައި ފުލުހުންގެ އައު ދިދަ ނަގައި، ހާއްސަ ޔުނީފޯމެއް ތައާރަފުކުރެވުނެވެ. އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅާއެކު މި ޔުނީފޯމް ފަރުމާކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އިބްރާހިމް ލަތީފް އަދި އަޙުމަދު ޝިޔާމެވެ. އައު ޔުނީފޯމާއި، އުޅަނދުތަކާއި، ދިދައާއެކު ފުލުހުންގެ ޚިދުމަތަށް އައި ބަދަލު އާއްމުންގެ ލޮލަށް ފެންނަން ފެށިއެވެ. މިއީ ހަމައެކަނި ކުލައަށް ނުވަތަ ނަމަށް އައި ބަދަލެއް ނޫނެވެ. މިއީ އަސްކަރީ ވިސްނުމުން މަދަނީ ހިދުމަތެއްގެ ވިސްނުމަށް މުޅި މުއައްސަސާ ފުރޮޅިގެންދިޔުމުގެ ރަމްޒެވެ.
ރައްޔިތުންނަކީ ފުލުހުން: މަދަނީ ފުލުހުންގެ ފަލްސަފާ
ވަކި މުއައްސަސާއަކަށް ބަދަލުވުމާއެކު، ފުލުހުންގެ ސްޓްރެޓެޖިކް މިސްރާބު ބިނާކުރެވުނީ "ޕީލިއަން ޕްރިންސްޕަލް" ގެ މައްޗަށެވެ. އެއީ "ރައްޔިތުންނަކީ ފުލުހުން، އަދި ފުލުހުންނަކީ ރައްޔިތުން" ކަމަށް ބަލައިގަނެ، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ފަލްސަފާއެވެ. ފުލުހުންގެ އަމާޒަކަށްވީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމެވެ. ފުލުހުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން އުފައްދައި، މުޖުތަމައުއާ ގުޅިގެން ކުށް މަދުކުރުމަށް ފެށުނު މަސައްކަތްތަކަކީ މި ފަލްސަފާގެ އަމަލީ ނަތީޖާއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ބިޔަ މަޝްރޫއު ފެށިގެންދިޔައެވެ. 1992 ވަނަ އަހަރާ ހަމައަށް ފުލުހުންގެ ޚިދުމަތް ހަމައެކަނި މާލެއަށް ހާއްސަވެފައި އޮތް ނަމަވެސް، މިއަދު މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. 2004 ގައި މުއައްސަސާ ވަކިވިއިރު އަތޮޅުތަކުގައި ގާއިމްކޮށްފައިހުރީ އެންމެ 5 ޕޮލިސް ސްޓޭޝަނެވެ.
ނަމަވެސް، 2025 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރެވި، ރައްޔިތުންނާ ގާތުން ހިދުމަތްދޭން ވަނީ ފަށާފައެވެ. މިއީ ހަމައެކަނި އިމާރާތްތަކެއް ބިނާކުރުމެއް ނޫނެވެ.
މިއީ މާލެއާއި އަތޮޅުތަކުގެ ތަފާތުކުރުން ނައްތާލައި، ކޮންމެ ރައްޔިތަކަށްވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ހިދުމަތާއި، ހިތްވަރާއި، ގުރުބާނީ
ފުލުހުންގެ މުއައްސަސާގެ ތާރީހަކީ ހަމައެކަނި ގާނޫނުތަކާއި، އިމާރާތްތަކާއި، ޔުނީފޯމްތަކުގެ ތާރީހެއް ނޫނެވެ. މިއީ ލޭ އޮހޮރުވުމާއި ދަލުން ލިޔެވިފައިވާ އިންސާނީ ގުރުބާނީތަކެއްގެ ވާހަކަވެސް މެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް، ބިރުވެރި އަދި ނުރައްކާތެރި އެތައް ހާލަތްތަކަކާ ފުލުހުން ވަނީ ކުރިމަތިލާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ނުރައްކާތެރި ކަންކަމާ ފުލުހުން ކުރިމަތިލަނީ ފަސްޖެހުމެއްނެތި ކެރިގެންނެވެ. ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެމީހުންގެ އަމިއްލަ ފުރާނައާއި ހަށިގަނޑަށްވުރެ ބޮޑަށް ވާޖިބު އިސްކޮށް، ޑިއުޓީގައި އުޅެމުން ބައެއް ފުލުހުން ވަނީ ޝަހީދުވެސް ވެފައެވެ.
މިއަދު ފެންނަ ކޮންމެ ނޫ ޔުނީފޯމެއް ރަމްޒުކޮށްދެނީ، އެ ގުރުބާނީތަކާއި، އާއިލާތަކާ ދުރަށްގޮސް ރައްޔިތުންނަށްޓަކައި އެ ވެވޭ މަތިވެރި ހިދުމަތެވެ.
22 އަހަރުގެ ދަތުރާއި ކުރިމަގުގެ އުޖާލާކަން
1 ސެޕްޓެމްބަރު 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ މިއީ 22 ވަނަ އަހަރެވެ. މި 22 އަހަރުގެ ތެރޭގައި ފުލުހުންގެ ހިއުމަން ރިސޯސް އިތުރުކުރެވި، ހިދުމަތްތައް ސްޕެޝަލައިޒް ކުރެވި، މުޅި ރާއްޖެއަށް ވަނީ ފުޅާކުރެވިފައެވެ. ޑިމޮކްރަސީގެ ޅަފަތުގެ ދަތުރުގައި ރައްޔިތުންނެކޭ އެއްފަދައިން ފުލުހުންވެސް ވަނީ އެތައް ތަޖުރިބާތަކަކާއި އިބުރަތްތަކެއް ހާސިލުކޮށްފައެވެ.
މުސްތަގުބަލަށް ބަލާއިރު، ދިވެހި ފުލުހުންގެ އަމާޒަކީ ރައްޔިތުން އިތުބާރުކުރާ، ދެކުނު އޭޝިއާގައި އޮތް އެންމެ ޕްރޮފެޝަނަލް ޕޮލިސް އޯގަނައިޒޭޝަނަށް ހެދުމެވެ. މިއީ ވާސިލުވެވޭނެ އަމާޒެކެވެ. ނަމަވެސް، ފުލުހުންގެ މުއައްސަސާގެ އަސްލު ކާމިޔާބީ މިންކުރެވޭނީ ސްޓޭޝަންތަކުގެ އަދަދަކުން ނުވަތަ ބޭނުންކުރާ ޓެކްނޮލޮޖީގެ ފެންވަރަކުން އެކަންޏެއް ނޫނެވެ.
އޭގެ ބަދަލުގައި، މުއައްސަސާގެ ބާރުވެރިކަމާއި ކާމިޔާބީ ގުޅިފައިވަނީ ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރާއި، ގާނޫނު ތަންފީޒުކުރުމުގައި ގެންގުޅޭ ހަމަހަމަކަމާއި، އިންސާފުވެރިކަމުގެ މައްޗަށެވެ. 1933 ވަނަ އަހަރު 120 މީހުންނާއެކު ފެށުނު ދަތުރު، 2004 ގައި މަދަނީ ހިދުމަތަކަށް ފުރޮޅި، 2026 އާ ހަމައަށް އައިއިރު، ދިވެހި ފުލުހުންގެ މިސްރާބު ހުރީ ރައްޔިތުންނާ ގުޅިފައިވާ، ޕްރޮފެޝަނަލް، އަދި އިތުބާރު ހިފޭ އުޖާލާ މުސްތަގުބަލަކާ ދިމާއަށެވެ.
