logo
banner image

ކުޅުދުއްފުށީ އޮޑިހަރުގެއަކާއި ގުދަނަކުން ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ އޮޑިހަރުގެއަކާއި، ގުދަނަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ވައްކަންކުރި ކަމުގެ ތުހުމަތުގައި 02 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، މުޙައްމަދު ނަބީލް އަޙްމަދު (27އ)އެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސީބު އާދަމް ފަސްދުވަހަށް އަދި މުޙައްމަދު ނަބީލް އަޙްމަދު 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ވައްކަންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހުއެވެ.

އެ މީހުން ވަގަށްނެގި ތަކެތީގެ ތެރޭގައި ކަރަންޓު ބުރުމާއާއި، ކަރަންޓު ކީހާއި، ކަޓްއޮފްއާއި، ޓޫލް ބޮކްސްތަކަކާއި ކަރަންޓު ނަރުތަކެއްގެ އިތުރުން ކަރަންޓު އެހެނިހެން ސާމާނު ހިމެނެއެވެ.

މި ތަކެތީގެ އަގު 80،000 ރުފިޔާ އަށްވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. މި ތަކެތި ފުލުހުން ހޯދާފައިވާއިރު، ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.