logo
banner image

އއ. ހިމަންދޫގައި "ޓުގެދަރ ފޯރ ސޭފް ޓޫރިޒަމް"ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރަށުގެ ސަގާފަތަށް އިހުތިރާމުކުރުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިމަހުގެ 9 ވަނަ ދުވަހު ހިމަންދޫ ޕޮލިސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ރަށުގައި ހިންގާ ގެސްޓު ހައުސްތަކަށާއި އެކްސްކާޝަން ސެންޓަރުތަކަށް ފުލުހުން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ޒިޔާރަތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ސަލާމަތީ ކަންކަމާއި، ރަށުގެ އިޖުތިމާއީ މިންގަނޑުތަކަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މި ހަރަކާތުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އެގޮތުން، ފަތުރުވެރިން ރަށުތެރޭގައި އުޅޭއިރު ހެދުން އެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ފަތުރުވެރިން އެކަނި މޫދަށްދާ ހާލަތްތަކުގައި އެކަން ގާތުން ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، އެކްސްކާޝަންތަކަށް ފަތުރުވެރިން ގޮވައިގެންދާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި، ހާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު އަމަލުކުރަންޖެހޭ އުސޫލުތަކަށް ސަމާލުވުމަށް ވަނީ އިރުޝާދުދީފައެވެ.

އަދި ޑައިވިންގ ފަދަ ހަރަކާތްތައް ހިންގުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން އަމަލުކުރުމަށާއި، ފަތުރުވެރިން ރަށުތެރޭގައި އުޅޭއިރު ހިފަހައްޓަންޖެހޭ އުސޫލުތައް އެ ފަރާތްތަކަށް ރަނގަޅަށް ބުނެދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ފަތުރުވެރިން ޗެކިންގވާ ވަގުތު ދެވޭ ބްރީފިންތަކުގައި މި ހުރިހާ މައުލޫމާތެއް ހިމަނައި، ފުރިހަމަ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ގެސްޓު ހައުސްތަކުގެ ވެރިންނަށްވެސް ލަފާދީފައިވެއެވެ.