"ފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރސް ސިމްޕޯޒިއަމް 2026" ފަށައިފި
"ފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރސް ސިމްޕޯޒިއަމް 2026" ފަށައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި ހަރަކާތްތެރިވާ އިންސްޓްރަކްޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ ސިމްޕޯޒިއަމެކެވެ.
މިއަދު ފެށި މި ސިމްޕޯޒިއަމްގައި ޖުމުލަ 61 މުވައްޒަފުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 60 ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފެކެވެ.
03 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމަކީ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރުންގެ ގާބިލުކަން އިތުރުކޮށް، ހަށިހެޔޮ އަދި ދުޅަހެޔޮ މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ އެކްސަސައިޒް ސައިންސްގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސިމޕޯޒިއަމެކެވެ.
އަދި ފިޓްނަސް އެސެސްމަންޓް ހެދުމުގެ ހުނަރުތައް ތަރައްގީކުރުމާއި، އަނިޔާއިން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރުމާއި، ލީޑަރޝިޕް އަދި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، އިންސްޓްރަކްޓަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އިންސްޓްރަކްޓަރުންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ހިތްވަރުދިނުން މި ސިމްޕޯޒިއަމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ސިމްޕޯޒިއަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. މި ސެޝަންތަކުގައި، ފުލުހުންގެ ފިޒިކަލް ފިޓްނަސްއާ ބެހޭ ސެޝަނާއި، ކުޅިވަރުގެ ދާއިރާގެ ނިއުޓްރިޝަން އަދި ހައިޑްރޭޝަނާ ބެހޭ ސެޝަނާއި، އެކްސަސައިޒް ސައިންސް އަދި އެވިޑެންސް ބޭސްޑް ޓްރެއިނިންގއާ ބެހޭ ސެޝަންގެ އިތުރުން އޮގަނައިޒޭޝަން ބީއެފްޓީއާ ގުޅޭ ސެޝަން ކުރިއަށްގެންގޮސްފައިވެއެވެ.
މި ސިމްޕޯޒިއަމްގައި ލެކްޗަރާއިންގެ ގޮތުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ކެޕްޓަން އިސްމާޢީލް އަޙްމަދާއި، ފާޠިމަތު ޔަމްނާ މުޙައްމަދާއި، ސާޖަންޓް ޙަސަން ރިޔާޟް ޢަބްދުލްޣަނީ އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްބާރީ އަޙްމަދާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިބްރާހީމާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝާމިނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަސީމެވެ.
މި ސިމްޕޯޒިއަމްގެ ކުރިއަށް އޮތް ސެޝަންތަކުގައި ބީއެފްޓީ ޕްރޮސީޖާސްތަކާއި ބީއެފްޓީ ކުރިއަށްގެންދާނެ ގޮތްތަކާއި، އައު ބީއެފްޓީ ޕްރޮޕޯޒަލާ ބެހޭ މަޝްވަރާތަކާއި، ސްޓްރެންތު ޓްރެއިނިންގއާއި، ފިޒިކަލް ހަރަކާތްތަކުގެ ގައިޑްލައިންތަކުގެ އިތުރުން، އަނިޔާއިން ރައްކާތެރިވުމާއި ޕްރޮގްރާމް ޑިޒައިންކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ކުރިއަށް އޮތް ތަނަށް އެކްޝަން ޕްލޭން އެކުލަވައިލުމަށް ގްރޫޕް މަޝްވަރާތައް ވެސް ކުރިއަށްދާނެއެވެ.
