logo
banner image

ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން: ރައީސް

ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ މި މައްސަލައިގެ ހަޤީޤީ ރޫޓްކޯޒް ނުވަތަ އަސްލު ސަބަބުތައް ހޯދައި އެކަންތައްތަކަށް ފަރުވާދެވިގެންކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ހާމަކުރެއްވިއެވެ.

ރައީސް ވަނީ ސަރުކާރުން މި މައްސަލަތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމުގައި، މިކަމާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަށް، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމާއި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނަށް އެކިކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި ކުދިކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުންފަދަ ކަންކަން ހިމެނޭކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމުގެ ކަންކަމާއި އަންހެން ބޭފުޅުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދޭނެފަދަ އެކިކަހަލަ ފުރުސަތުތައް ހޯދައިދިނުމާއި ރަނގަޅު ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ ތަޢުލީމީ ފުރުސަތުތައް އިތުރު ކުރުމަށް ކުރާ މަސައްކަތް ވެސް ގުޅިފައިވަނީ މަސްތުވާތަކެތީގެ ތެރެއަށް ނުވަތަ ކުށްކުރުމުގެ ތެރެއަށް ޒުވާނުން ވަންނަ ރޫޓްކޯޒްތަކާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވިއެވެ.

އެކަމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރުތިލަފަޅުގެ ވަކި ސަރަޙައްދެއް ކަނޑައަޅައިގެން އެތަނުގައި މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި މަޝްރޫޢުގެ އިތުރު ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވީ ނަމަވެސް މިކަމަށް ހުށަހަޅައިފައިހުރި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާކަން ފާހަގަކުރަައްވާފައެވެ.

އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއްނުވެ ފެށިގެންގޮސް އިރާދަކުރެވިއްޔާ މި ދައުރުގެ ތެރޭގައި މިކަމުގެ ނަތީޖާ ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.