26 ފުލުހުންނާއެކު ފެމެލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް ފަށައިފި
ފެމެލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް ފަށައިފިއެވެ.
މި ކޯހަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ހާއްސަކޮށްފައިވާ ކޯހެކެވެ.
މި ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެޓްގެ ސެންޓަރ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސްގެ ފަރާތުން އެފް.ސީ.ޕީއާ ގުޅިގެންނެވެ. މި މަހުގެ 5 އިން 25 އަށް ކުރިއަށްގެންދާ މި ކޯހުގައި ތަހުގީގުކުރާ 26 ފުލުހުން ބައިވެރިވެއެވެ.
މި ކޯހުގައި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި، އާއިލީ މައްސަލަތައް ތަހުގީގުުކުރުމުގައި ހާއްސަ އިސްކަމެއްދީ އަދި ސަމާލުކަންދޭންޖެހޭ ކަންތައްތައް އުނގަންނައިދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެއެވެ.
އެގޮތުން، ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން
މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ކުޑަކުދިންނާއި އާއިލީ މައްސަލަތަކުގައި، ތަހުގީގުގެ ތެރެއިން އިންޓަވިއުކުރާނެ ގޮތްތަކުގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެއެވެ.
މި ކޯހުގައި މައުލޫމާތު ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
