"ފުލުހުންގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން، އެއީ ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރައެއް"
ފުލުހުންގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން، ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ޤާނޫނު ތަންފީޛު ކުރުމެއް ނޫން ކަމަށާއި، ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމުގައި ވުމާއެކު، އޮފިސަރުންގެ އަޚްލާޤާއި އަމަލުތަކުން ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށެވެ.
ފުލުހެއްގެ ހަގީގީ ކާމިޔާބީއަކީ އޭނާގެ ކޮނޑުގައި ހުންނަ ރޭންކެއް ނޫން، ނުވަތަ ޖަހާ ކުލައެއް ނުވަތަ މެޑެއްޔެއްވެސް ނޫން. ފުލުހެއްގެ ހަގީގީ ކާމިޔާބީއަކީ، ކުށެއްގެ ނުރައްކަލުން ސަލާމަތްވި ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން. އެ އިތުބާރު ހޯދޭނީ، ހިދުމަތުގެ ރޫހު އޭގެ އެންމެ މަތީ ދަރަޖާގައި ހިތުގައި އާލާކޮށްގެން. ސީޕީ
ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ސީޕީ ނަސޭހަތްތެރިވެވަޑައިގަތެވެ.
ފުލުހުންގެ ތަމްރީނު މަރުކަޒުތަކަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަސިލަތްތަކުން ފުރިގެންވާ ތަމްރީނުދޭ މައިދާންތަކަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަމާއި، ޒަމާނީ ބަދަލުތަކާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަގީންކަން ސީޕީ ވަނީ މި ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ.
އަދި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކޮށްދެއްވާ އަގުހުރި މަސައްކަތްޕުޅައްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ސީޕީ އިހުލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.
ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާއެކު، ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުމަކީ އެދޭ އެދުމެއްކަން ފާހަގަކުރައްވާ ސީޕީ ވަނީ އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން، އަމަލީ މައިދާނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ހުނަރުވެރި، ނަމޫނާ، ފެންވަރު ރަނގަޅު އޮފިސަރުންތަކެއް ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ލްތިމާސްކުރައްވާފައެވެ.
