ޙުސައިން ސަމީރު އެދިވަޑައިގަތީ ނަމޫނާ ދައްކާނެ ސޭފްޓީ އެމްބެސަޑަރުންނަށް ވުމަށް
ސްކޫލުތަކުގެ ޓްރެފިކް މޮނިޓަރުންނަކީ ސްކޫލުގެ އެހެން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ނަމޫނާ ދައްކާނެ ސޭފްޓީ އެމްބެސަޑަރުންނަށް ވުމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އެދިވަޑައިގެންފިއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު މިކަމަށް އެދިވަޑައިގަތީ ރ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 131 ވަނަ ބެޗްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙުސައިން ސަމީރު ވަނީ ސްކޫލުތަކުގެ ޓްރެފިކް މޮނިޓަރުންނަކީ ސްކޫލުގެ އެހެން ދަރިވަރުންނަށާއި ބެލެނިވެރިންނަށް ނަމޫނާ ދައްކާނެ ސޭފްޓީ އެމްބެސަޑަރުންނަށް ވުމަށް ދަރިވަރުންނަށް ގޮވާލައްވާފައެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ގާއިމުކުރުމަށް ބާރުއެޅުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހަނދާންކޮށްދެއްވިއެވެ.
މި ހަރަކާތުގައި 40 ދަރިވަރުން ބައިވެރިވެ ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް ވަނީ މިފަދަ ޕްރޮގްރާމެއް އެ ރަށަށް ހާއްސަ ކުރީތީ ޝުކުރު އަދާކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ކައުންސިލް ނައިބު ރައީސާއި އަތޮޅު ކޮމާންޑަރުގެ އިތުރުން ރޯޑް ސޭފްޓީގެ އިސް ވެރިންނާއި އެހެނިހެން އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރޭ އުނގޫފާރު ސްކޫލުގައި ވެސް 132 ވަނަ ޓްރެފިކް މޮނިޓަރ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައިވެއެވެ. އެ ޕްރޮގްރާމް 35 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ. މިއީ ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ރ. އަތޮޅުގައި މި މަހުގެ 17 އިން 27 އަށް ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
