logo
banner image

ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން، އެކަން ރިޕޯޓުކުރުން ލަސްވުން: ނަވީދު

ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނުއިރު، ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން، އެކަން ރިޕޯޓުކުރުން ލަސްވުން ކަމަށް އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމެއް ހިނގާތާ މަދުވަގުތުކޮޅެއްގެ ތެރޭގައި، އެ ފައިސާ ޖަމާވި އެކައުންޓުން އެކި ގޮތްގޮތުން ނަގާކަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން، ސްކޭމްގެ ޝިކާރައަކަށްވާ މީހާގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާކަން ނަވީދު ފާހަގަކުރެއްވިއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވާ ފަރާތްތައް ސްކޭމަރުންގެ އުކުޅުތަކަށް އަހުލުވެރިވެފައިވާ މިންވަރު ކުޑަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޕިރަމިޑް ސްކީމްތައް ފަދަ ސްކޭމަރުން ބޭނުންކުރާ އުކުޅުތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަންކަން ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ހަމައެހެންމެ، ބަވަނަވެފައިވާ ދުނިޔޭގައި ސްކޭމް ކޭސްތަކުގައި ކްރޮސް ޖުރިސްޑިކްޝަން ނުވަތަ ކުށުގެ އަމަލުގައި އެކި ގާނޫނީ އިހުތިޞާސްތައް ޝާމިލުވާ ހާލަތްތަކަކީ، މިފަދަ ކުށްވިޔަ ނުދިމަށާއި މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ކުރިމަތިވާ އިތުރު ގޮންޖެހުމެއް. އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް 2259 މައްސަލަ ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަތަކާ ގުޅިގެން 3852 އެކައުންޓް ފްރީޒްކުރިކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވިއެވެ.

އަދި ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ 40 އިންސައްތަ ފައިސާ އަނބުރާ ވިކްޓިމުންނަށް ހޯދައިދެވުނުކަމަށާއި، އެއީ 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއާއި 183 މައްސަލައެއްގައި ހިމެނޭ ފައިސާގެ ތެރެއިން ބައެެއް ކަމަށް ނަވީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ސްކޭމާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި 36 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، އޮޕަރޭޝަންތަކެއް ހިންގާފައިވާކަމަށާ އަދި ދައުވާކޮށްދިނުމަށް އެދި 10 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، ސްކޭމްކުރުމުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި، ރިޕޯޓުކޮށްފައިވާ މައްސަލަތަކުން އެންމެ ގިނައިން ފާހަގަކުރެވިފައި ވަނީ އީ-ކޮމާސް ސްކޭމްސް ނުވަތަ ވިޔަފާރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތައް ކަމަށާއި، މިބާވަތުގެ މައްސަލަތަކަކީ އެންޓި-ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ 50 އިންސައްތަ މައްސަލަ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ދެވަނައަށް އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތް ނުވަތަ ފޮރިން އެކްސްޗޭންޖް ޓްރާންސެކްޝަންތައް ހިންގުމުގައި އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތައް ކަމަށް ވިދާޅުވިއެވެ.

އަދި މިފަދަ ސްކޭމްތައް ދުރާލައި ދެނެގަނެ، ސްކޭމަރުންގެ އޮޕަރޭޝަންތައް ހުއްޓުވައި މިފަދަ ކަންކަމަށް އާންމުން އަހުލުވެރިކުރުވުމަށް، އެކި މަންސަތަކުގެ ޒަރީއާއިން އެންޓި-ސްކޭމް ސެންޓަރު އަދި ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވަކިވަކި ފަރުދުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުކަން އިތުރުކުރުމަށާއި، ސްކޭމެއްކަމަށް ޝައްކުކުރެވޭފަދަ އެއްވެސް މުއާމަލާތެއް ފާހަގަކުރެވިއްޖެނަމަ، އެ މައުލޫމާތު ލަސްނުކޮށް ކަމާބޭހޭ ފަރާތްތަކާ ހިއްސާކުރުމަށް ބާރުއެޅުއްވިއެވެ.