logo
banner image

ފާއިތުވި ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދައިފި

މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދިފައިވާކަމަށް އެންޓި-ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންޓި-ސެކޭމް ސެންޓަރުގެ، 2026މާރިޗު 29 އިން އޭޕްރިލް 04 އާ ދެމެދު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 42 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދަކީ 322,270.00 ރުފިޔާއެވެ.

ނަމަވެސް، އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227,828.00 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ) ވަނީ އަނބުރާ ހޯދިފައެވެ. މިއީ ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މިއީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޅޭ އަވަސް ފިޔަވަޅުތައް ހަލުވިވެފައިވާ މިންވަރާއި، ތަހުގީގުގެ މަރުހަލާތަކުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެވެ.

އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް

މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. މިގޮތުން މިފަދަ ޖުމުލަ 30 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި، ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.

އޮންލައިންކޮށް ވިޔަފާރިކުރާއިރު، ހާއްސަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނައިރު، ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

މީގެ އިތުރުން ހިނގާފައިވާ ސްކޭމްތައް

ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާ ސްކޭމްގެ 4 މައްސަލަ: މިފަދަ ސްކޭމްތައް މަދުކުރުމަށްޓަކައި ރަސްމީ ނިޒާމުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ނުހިންގުން.

މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލަ: މިފަދަ ސްކޭމް މަދުކުރުމަށްޓަކައި ދަންނަ މީހެއްގެ ނަމުގައި ނުވަތަ ރަސްމީ ފަރާތެއްގެ ނަމުގައި ގުޅައި، ފައިސާގެ އެހީތެރިކަމަށް އެދި ހިންގާ މިފަދަ އަމަލުތަކަށް ސަމާލުވުމާއި އެހެން މީހެއްގެ އެކައުންޓަށް ފައިސާ ނުފޮނުވުމާއެކު އެހެން ގޮތަކުން އެއީ ހަމައަސްލުވެސް ތިޔާ ހީކުރާ މީހާކަން ކަށަވަރު ކުރުން.

އެހެނިހެން ސްކޭމްގެ 4 މައްސަލަ: މީގެ ތެރޭގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މައްސަލަތައް ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވެއެވެ. މިއީ މިފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެކެވެ.

ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށްފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓްކުރުމަކީ މުހިންމު ކަމެކެވެ.

މިގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެކެވެ.