ސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފި
ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަަށައިފިއެވެ.
މިމަހުގެ 15 ވަނަ ދުވަހު މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ.
މި މަހުގެ 15އިން މާރިޗު 14އަށް މި ކޯސް ކުރިއަށް ގެންދަނީ ތިނަދޫ ސިޓީގައެވެ.
މި ތަމްރީނަކީ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ތަމްރީނެކެވެ. މި ތަމްރީނުގައި، ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ އިލްމާއި، ހުނަރާއި އަދި ސުލޫކީ މިންގަނޑުތައް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނުގެ ތެރެއިން، ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާއީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ގާނޫނާއި ގަވާއިދުތަކާއި، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަހުލާގާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެއެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުން ކުރިއަށްގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބިއުލަރީ 18 ފުލުހުން ބައިވެރިވެއެވެ.
