ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ގެމަނަފުށީގައި ހިންގައިފި
ފިހާރަތަކުގެ ވެރިން ހޭލުންތެރިކުރުވައި ކުށްމަދު އަމާން މުޖުތަމައަކަށް އަހުލުވެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގއ. ގެމަނަފުށީގައި ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 10ވަނަ ދުވަހު ގެމަނަފުށި ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ރަށު ފިހާރަތަކަށް ޒޔާރަތްކޮށް، ކުށްތަކުން ރައްކާތެރިވެތިބުމަށް ވިސްނަންޖެހޭ ކަންކަމާއި މުޖުތަމައުގައި މިހާރު އާންމުވަމުންދާ ކުށްތަކާ އަދި އެ ކުށްތަކުން ތިމާއާއި އެހެން މީހުން ރައްކާތެރިކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވާއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރިވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.
އަދި އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށާއި ފައިސާ ޖަމާވުމުން ނޫނީ މުދާ ހަވާލުނުކުރުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ކޯލުތަކަށް ސަމާލުކަންދިނުމަށް ވެސް ނަސޭހަތްތެރިވިއެވެ.
މީގެ އިތުރުން، ވިޔަފާރި ބަންދުކޮށްފައި ދާއިރު ރައްކާތެރިކަމެއް ނެތްގޮތަށް ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ތަޅުލެވުނުކަން ޔަގީންކުރުމަށާއި ފިހާރަ ތެރޭގައި އަލިކަން ބެހެއްޓުމަށް އިރުޝާދުދީފައިވެއެވެ.
އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި ‘ވަގުންނަށް ފުރުސަތު ނުދެމާ’ގެ ނަމުގައި ހޭލުންތެރިކުރުމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.
ކުށުގެ މާހައުލު ނައްތާލުމަށާއި ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް އަތޮޅުތެރޭގެ ފުލުހުން ގެންދަނީ މިފަދަ ޕްރޮގްރާމުތައް ހިންގަމުންނެވެ.
