logo
banner image

މޯލްޑިވްސް މެރިން އެކްސްޕޯ 2026ގައި މެރިން ޕޮލިހުގެ މަސައްކަތްތައް ދައްކާލައިފި

މޯލްޑިވްސް މެރިން އެކްސްޕޯ 2026ގައި މެރިން ޕޮލިހުގެ މަސައްކަތްތައް ދައްކާލައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 5 އިން 8އަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި މި ޚިދުމަތުގެ ފަރާތުން މެރިން ޕޮލިހުން ބައިވެރިވެ ސްޓޯލެއް ގާއިމުކޮށްފައިވެއެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިގޮތުން މެރިން ޕޮލިހުގެ މަސައްކަތްތަކާއި، ބޭނުންކުރާ އާލާތްތަކާއި، މެރިން ޕޮލިހުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމާއި ކަނޑު ދަތުރުފަތުރާއި މެރިން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އެއްތަނަކުން ބައްދަލުވެ އައު ކަސްޓަމަރުންނާއި ޕާޓްނަރުން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އައު އުފެއްދުންތައް ތައާރަފުކުރުމާއި އެންމެ ފަހުގެ އުޅަނދުފަހަރާއި، މެރިން އިންޖީނު އަދި ޒަމާނީ ޓެކްނޮލޮޖީ އާންމުންނަށާއި ވިޔަފާރިވެރިންނަށް ދައްކައިލުމަށް ބާއްވާ އެކްސްޕޯއެކެވެ.

އަދި ނެޓްވޯކްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މެރިން ދާއިރާގެ ތަޖުރިބާކާރުން އެއްވެ، މައުލޫމާތާއި ހިޔާލު ބަދަލުކުރުމަށް މަގުފަހިކުރުމާއި ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ އިގުތިސާދުގެ މުހިންމު ބައެއް ކަމުގައިވާ ކަނޑުގެ ސިނާއަތް އިތުރަށް ފުޅާކޮށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މޫދު ކުޅިވަރާއި، ޑައިވިންގ އަދި ކަނޑާ ގުޅުން ހުރި އެކި ދާއިރާތަކަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.

މި އެކްސްޕޯގައި ބައިވެރިވެފައިވަނީ ކަނޑާ ގުޅުން ހުރި ތަފާތު ސިނާއަތްތަކުންނެވެ.

އޭގެތެރޭގައި އޮޑިދޯނިފަހަރު ބަނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ބޯޓު ބިލްޑަރުން ހިމެނެެވެ.