ގއ.ވިލިނގިލިގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 04 މީހަކު ހައްޔަރުކޮށްފި
ގއ.ވިލިނގިލިގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 04 މީހަކު ހައްޔަރުކޮށްފިއެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ)އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި އޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާއިރު، 100އާއި ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވެއެވެ.
މިއަދު ކުރިއަށްދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަން ޖެހޭ ހުރިހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކައްތައް ކުރިއަށްދާނެ ކަން ފުލުހުން ފާހަގަކުރައްވައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެންނެވެ.
