ޑްރަގު އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 4 މީހުން ހައްޔަރުކޮށްފި
ޑްރަގު އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ " އޮޕަރޭޝަން އަލިމަގު"ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ފަށާފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާއިރު، 100އާއި ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވެއެވެ.
މިއަދު ކުރިއަށްދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަން ޖެހޭ ހުރިހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކައްތައް ކުރިއަށްދާނެ ކަން ފުލުހުން ފާހަގަކުރައްވައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެންނެވެ.
