logo
banner image

ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

"އޮޕަރޭޝަން އަލިމަގު"ގެ ދަށުން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ " އޮޕަރޭޝަން އަލިމަގު"ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ދަނީ ހިންގަމުން ކަމަށެވެ.

އަދި މިއަދު ކުރިއަށްދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަން ޖެހޭ ހުރިހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކައްތައް ކުރިއަށްދާނެ ކަން ފުލުހުން ފާހަގަކުރައްވައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެންނެވެ.

'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައިވަނީ ހިންގާފައެވެ. ފުލުހުންދަނީ މަސްތުވާތަކެތި އަތުލައިގަނެ މުޖުތަމަޢާކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކާއި ތަންފީޒީ އިދާރާތަކެއް ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި އިތުރުވަމުންދާއިރު ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެކަންކަމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކޮށް ހައްލު ގެނައުމަށްދަނީ މަޝްވަރާކުރަމުންނެވެ.