logo
banner image

ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެންނެވެ.

މިމަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މ. މުލި / ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ)އެވެ. މި ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކި 32.6 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.