logo
banner image

އެންޓި ސޯޝަލް ބިހޭވިއަރއާ ގުޅޭ ގޮތުން މައުލޫމާތުދީފި

ހދ. މަކުނުދޫ ސްކޫލު ދަރިވަރުންނަށް، އެންޓި ސޯޝަލް ބިހޭވިއަރއާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 22ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި، އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް އަދި ކީ ސްޓޭޖް 1، 2 ހިމެނޭހެން ޖުމުލަ 242 ދަރިވަރުންނާއި 15 މުދައްރިސުން ބައިވެރިވިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ ފުލުހުންގެ އެހީތެރިކަމާއެކު މަކުނުދޫ ޕޮލިސް ސްޓޭޝަނުންނެވެ.

މި ސެޝަންގައި މަގުމަތީގެ ރައްކާތެރިކަމާއި މީހުންނަށް އިހުތިރާމުކުރުން އަދި ރަނގަޅު ސިފަތައް ކިޔައިދީފައިވެއެވެ. އަދި ދަރިވަރުން ކަންކަމުގައި އިސްނެގުމަށް ބާރުއެޅުމުގެ ގޮތުން ލީޑަރޝިޕް ހުނަރުތައް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ޖިންސީ ގޯނާގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ. އަދި ދުންފަތުން ކުރާ ނޭދެވޭ އަސަރުތަކާއި ދުންފަތުގެ ނުރައްކާތެރިކަން ވެސް ކިޔައިދީފައިވެއެވެ.

ސްކޫލު ތަކުގެ ދަރިވަރުން އެކި ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުން ދަނީ ހިންގަމުންނެވެ.