އަންނަ ޖެނުއަރީ މަހުން ފެށިގެން އަމިއްލަ ފަރުދުންނަށް ޑެކްލަރޭޝަން ހުށަހެޅޭނެ: ދިޔާނާ
އަމިއްލަ ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭ ގޮތަށް ކަސްޓަމްސްގެ ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާ ތަންފީޒީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިމަހުގެ 18ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ކަސްޓަމްސް ޚިދުމަތް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެންނަ ބަދަލުތައް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން މިވަގުތު ގެންނަން ނިންމަވާފައިވާ އެއް ބަދަލަކީ، އަމިއްލަ ފަރުދުން ގެންނަ މުދަލުގެ ތެރެއިން ޑިއުޓީ ދައްކަން ޖެހޭ މުދަލަށް ޑެކްލަރޭޝަން އަމިއްލައަށް ހުށަހެޅޭ ގޮތަށް ހެދުން ކަމަށް ސީޖީ ވިދާޅުވިއެވެ.
ދަތުރުވެރިންނާއި އޯޑަރކޮށްގެން ތަކެތި ގެންނަ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަލަށް ތަޢާރަފްކުރުމަށް ރޭވިފައިވާ އޮންލައިން ސިމްޕްލިފައިޑް ޑިކްލަރޭޝަންގެ ޚިދުމަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތަޢާރަފްކުރެވިގެންދާނެ. މިއީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ކަސްޓަމްސްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް ހޯދުމުގަ ލުއި ފަސޭހަ ގޮތްތަކެއް ހޯދުމުގެ މަގުސަދުގައި ތަޢާރަފްކުރެވޭ ޚިދުމަތެއް. ސީޖީ ދިޔާނާ
މިހާރު އޮންނަ އުސޫލުގެ ތެރޭގައި އަމިއްލަ ފަރުދުންގެ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ގޮތެއް ނޯންނަ ކަމަށް ސީޖީ ވިދާޅުވިއެވެ.
ނަމަވެސް ތަޢާރަފް ކުރެވޭ މި ބަދަލާއެކު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ޑެކްލަރޭޝަން ހުށަހަޅާ ޑިއުޓީ ދެއްކޭނެ ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
މިޚިދުމަތް ތަޢާރަފު ކުރުމަށް ކަސްޓަމްސް އިން ނިންމާފައިވަނީ 2 މަރުހަލާ އަކަށް ބަހާލައިގެން. ފުރަތަމަ މަރުހަލާގައި ތަޢާރަފް ކުރެވޭނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް. އަމިއްލަ ފަރުދުން އޯޑަރު ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ތަޖެތި ކްލިޔަރ ކުރުމަށް 2026ގެ ފުރަތަމަ ކުއަޓާގައި މިޑެކްލަރޭޝަން ބޭނުންކުރަން ފެށޭނެ. ސީޖީ ދިޔާނާ
ދިޔާނާ ވިދާޅުވީ މިޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ކަސްޓަމްސް އިން އާންމު ކުރާނެ ކަމަށެވެ.
