ވަގަށް ނަގައިވާ އައުޓްބޯޑް އިންޖީނެއް ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފި
ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 17ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 18ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކުރަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވާ ކަމަށާއި ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށެވެ.
ފުލުހުން ވަނީ އިންޖީނު އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފަނުވާއިރު މިމައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި އެތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަފަރާތުގެ ޒިންމާއެއް ކަމަށްވާއިރު، އެފަދަ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
