ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނީ ކެނަބިސް ފަތް ކަމަށެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް)އެވެ.
އަދި މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.
މި ތަކެތި އަތުލައިގަތީ މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.
