ރ. މާކުރަތުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފި
ރ. މާކުރަތުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް މާކުރަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނީޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.
މިރަސްމިއްޔާތުގަައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި މާކުރަތު ކައުންސިލްގެ ރައީސް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މާކުރަތު ކައުންސިލް މެމްބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އަލީ އިހުސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
މާކުރަތުގައި ގާއިމްކޮށް ހުޅުވިގެންދިޔަ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތަކީ 2025 ޖަނަވަރީ 23 ވަނަ ދުވަހު ބިންގާއެޅި މަސައްކަތް ފެށިގެންދިޔަ މަޝްރޫއުއެކެވެ.

މިއީ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް މުޅި ރާއްޖޭގައި ހިންގާ މަޝްރޫއުގެ ތެރެއިން މިއަހަރުގެ ތެރޭގައި ބިންގާ އަޅައި މަސައްކަތް ފެށި ސްޓޭޝަންތަކުގެ ތެރެއިން ހުޅުވިގެންދިޔަ ދެ ވަނަ ސްޓޭޝަނެވެ. މީގެކުރިން ވަނީ ރ. އިންނަމާދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވާފައެވެ.
