މުވައްސަސާގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތްކުރުމަށް ވަޒީރު އެދިވަޑައިގެންފި
ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހާއި ޔުނިވަރސިޓީ ޕްރެޕަރޭޝަން ކޯހުން އުނގެނި ދަސްވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާ، މުވައްސަސާގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އެދިވަޑައިގެންފިއެވެ.
މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ އެމްސީއެސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން ހިންގާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ އައު ދެ ބެޗާއި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމްގެ ތިން ބެޗް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ދެ ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ، މި ކޯސް ވާޗުއަލްކޮށް ކުރިއައްގެންދިއުމަށް ލިބުނު ތަރުހީބު ބޮޑުކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މި ކޯހުގައި ބައިވެރިވުމަށް 230 އެޕްލިކޭޝަން ލިބިފައިވާ ކަމާއި މީގެން ފާހަގަވަނީ އެމްސީއެސްގައި މަތީ ތަޢުލީމަށް އޮތް ޝައުގުވެރިކަން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ވަޒީފާއަދާކުރަމުން ކިޔެވުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ވީނަމަވެސް، މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކޯހުން ދަސްވެނިވުމާއި ހަމަޔަށް ދިއުމަށް ގަދަ ހިއްވަރަކާއެކު މަސައްކަތް ކުރުމަށް މިނިސްޓަރ، ކޯހުގެ ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.
އަދި މި ކޯހުން އުނގެނި ދަސްވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާ، މުވައްސަސާގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތްކުރުމަށް މިނިސްޓަރ ނަސޭހަތްތެރިވެލެއްވިއެވެ.
ޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ 4 ވަނަ ބެޗާއި 5 ބެޗު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރު 10ގައެވެ. މި ކޯހުގެ ދެ ބެޗްގައި އެކި ޖަލުތަކުންނާއި ހެޑްކުއަރޓަރސްއިން ޖުމްލަކޮށް 88 ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ޔުނިވަރސިޓީ ޕްރެޕެރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ތިން ބެޗް ވެސް 117 ބައިވެރިންނާއެކު ފަށާނެއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ.
