ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހާއި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ އައު ދެ ބެޗާއި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ތިން ބެޗް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ދެ ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިޙްސާންއެވެ. މިނިސްޓަރގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، އައިކޯސްޓްގެ ޑިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާން، ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަން އޮފިސަރުން އަދި ސިވިލް މުވައްޒަފުންގެ އިތުރުން ކޯހުގެ ބައިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވިލެއްވިއެވެ.
ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ 4ވަނަ ބެޗާއި 5 ބެޗު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2025 ޑިސެންބަރު 10ގައެވެ. މި ކޯހުގެ ދެ ބެޗްގައި އެކި ޖަލުތަކުންނާއި ހެޑްކުއަރޓަރސްއިން ޖުމްލަކޮށް 88 ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ޔުނިވަރސިޓީ ޕްރެޕެރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ތިން ބެޗް ވެސް 117 ބައިވެރިންނާއެކު ފަށާނެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްސަކޮށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ. މިއީ ރާއްޖޭގައި މިދާއިރާ އިން ހިންގާ ފުރަތަމަ ކޯހެވެ.
މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އަދި ތިން މަސް ދުވަހަށް ކުރިއަށްދާ ޔޫޕީޕީ ކޯސް ފުރިހަމަކުރުމުން، ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ދެ ކޯސް ކުރިއަށް ގެންދާނީ ވަރޗުއަލްކޮށެވެ. ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް އާއި ޔޫޕީޕީ ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ ސިވިލް މުވައްޒަފުންނެވެ.
