މާލޭ 04 ސަރަހައްދެއް ބަލާފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭ 04 ސަރަހައްދެއް ބަލާފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ ނޮވެންބަރު މަހުގެ 27ވަނަ ދުވަހުއެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެވުޒާރާއިން ވިދާޅުވީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނޭޝަނަލް ޓާސްކް ފޯސްގެ އޮޕަރޭޝަންތައް މިހާރު ކުރިއަށްދާއިރު މި އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވަނީ 4 ތަނެއް ބަލައި ފާސްކޮށްފައެވެ.
އަދި މި އޮޕަރޭޝަންގައި، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ ޢިލްތިމާސްކޮށްފައެވެ. އެގޮތުން (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 3333199އަށް ރިޕޯޓް ކުރެވޭނެއެވެ. އަދި މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
