ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ވަޒީރު
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަގުސަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ ކަމަށެވެ.
އެހެންނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ޤާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ކްރައިމް އެންވަޔަރަމަންޓަށް އައިސްފަ އޮތް ބަދަލުތައްވެސް ވަރަށް ތަފާތު. މިހާރުގެ ޤާނޫނު ބުނާ ގޮތުން ކޮންމެ ސަރުކާރެއްގަވެސް ސްޓްރެޓެޖީކް ޕޮލިސިންގ ރިކުއަރމެންޓެއް އޮންނާނެ. އެ ޕޮލިސިންގ ރިކުއަރމެންޓާއި އެއްވަރަށް ފުލުހުންނަށް މަސައްކަތް ކުރަމުން ދެވޭތޯ ނުވަތަ ނުކުރެވޭތޯ އަޅުގަނޑުމެން މިބެލީ. ބެލިއިރުގަ ފުލުހުންގެ މަސައްކަތެއް ސަރުކާރުން އަދި ފުލުހުން ގަބޫލުކުރާ ފެންވަރަށް އަދި ކުރިއަށް ނުގެންދެވޭ. ވަޒީރު
ވަޒީރު ވިދާޅުވީ މަސައްކަތް ކުރާނީ ހުރިހާ އެންމެ ޝާމިލްވުން ހިމެނޭހެން ކަމަށާއި މި ބައްދަލުވުންތަކުގަ މަޝްވަރާކުރާނީ އަސާސީގޮތުން ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގަ ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ތަހުގީގުތައް އަވަސްވާންޖެހޭނެ. މަގުމަތީގަ ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ. ފުލުހުންގެ އެންގޭޓްމަންޓް މިހާރަށް ވުރެ ގިނަވާން ޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާނެ ޖެހޭނެ. މަގުމަތިން މިފެންނަ ކްރައިމްތައް މަދު ކަމުގެ އިހުސާސް ރައްޔިތުންނަށް ވާންޖެހޭނެ. އިދާރީ ބައިތައް މަދުވާން ޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަގުބަލުގަ. ވަޒީރު
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.
