"ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ ދާޚިލީ ކަންކަމަށް ސީރިއަސް މަސައްކަތްތަކެއް ރައީސަކު ކުރެއްވި ދެ އަހަރު"
ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައީސަކު މަސައްކަތް ކުރެއްވި ދެ އަހަރު ކަމަށް ދާޚިލީ މަލާމަތާއިދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ މި ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ރައީސަކު މަސައްކަތްކޮށްދެއްވި ދެ އަހަރު ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރު ފެށުނުއިރު މިކަމަށް އަޅުގަނޑުމެން ދިން އަހަމިއްޔަތު ވަކިން ޚާއްސަކޮށް ދާޚިލީ ވުޒާރާ އެކުލަވާލި ގޮތުންވެސް އެކަން އެނގިގެންދާނެ. ކުރީގެ ސަރުކާރުތަކުގަ ހޯމް މިނިސްޓްރީގެ ރިލޭޓެޑް އެކި އިދާރާތައް ހުންނާނީ އެކިއެކި ވުޒާރާތަކުގެ ބެލުމުގެ ދަށުގަ. މިހެން ހުރުމުގެ ސަބަބުން އެކިއެކި ކޯޑިނޭޝަންތަކާއި ހެދި އަސްލު ނެރެން ބޭނުންވާ ނަތީޖާ ރައްޔިތުންނަށް ފެނިފައެއް ނެތް. ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ރައީސް ނެންގެވީ ވަރަށް ހެޑް އޮންކޮށް. ވަޒީރު
ވަޒީރު ވިދާޅުވީ ރައީސްގެ އެންމެ ބޮޑު ތަސައްވުރަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމުގައި ހުރި ބޮޑެތި މައްސަލަތަކަށް އެކަށީގެންވާ ހައްލު ހޯދުން ކަމަށެވެ.
އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޑްރަގް އަދި ގޭންގު ހަދައިގެން ކުރާ ކުށްތަކުން ރައްޔިތުން ސަލާމަތް ކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާ ފުޅާ ކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވަނީ ވަރަށް ވަރުގަދަ ވިޝަނެއް ކަމަށެވެ.
އެގޮތުން މުޅި ރާއްޖޭގައި ދައުލަތުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަޤްސަދުގައި މޯލްޑިވްސް 2.0ގެ ނަމުގައި 3 އަހަރު ދުވަހުގެ މަޝްރޫޢެއް ވަނީ ހިންގަން ފަށާފައިވާ ކަމަށާއި، މިކަމާ ގުޅޭ ރޯޑް މެޕެއް އެކުލަވާލާ، ރޯޑްމެޕްގައި ހުރި ކަންކަން ތަންފީޒުކުރަން ވަނީ ފަށާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލެއް އެކިލަވާލެވި މޯލްޑިވްސް 2.0ގެ މަސައްކަތް ކުރުމަށް ފަންޑެއް ވަނީ ޤާއިމްކޮށްފައެވެ.
