logo
banner image

ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއަކުން 7 ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއަކުން ޤަވާއިދާ ޚިލާފަށް އުޅެމުން އައި 7 ބިދޭސީން ހައްޔަރުކޮށްފިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

މި މަހުގެ 21ވަނަ ދުވަހު އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ހުޅުމާލޭގައި ހިންގަމުން އަންނަ 3 ކެފޭއެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބަން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ކަމުގައިވާ 'އެމް.އައި އައި.ޑީ ޗެކަރ' ވަނީ ފަރުމާކޮށްފައެވެ. މި އެޕްލިކޭޝަނަކީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެކެވެ.

މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން، ވަގުތުން ބިދޭސީއެއްގެ ޝަހްސު ދެނެގަނެ، ކަށަވަރުކޮށް، ބިދޭސީ ފަރާތާ ގުޅޭ އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެތެރޭގައި ޕާސްޕޯޓު ނަންބަރު ބޭނުންކޮށްގެން ނުވަތަ ޕާސްޕޯޓް ނަންބަރާއި ވޯކްޕަރމިޓް ނަންބަރު ބޭނުންކޮށްގެން ނުވަތަ ވޯކްޕާމިޓް ފަހަތުގައި ހިމެނޭ ކިއު.އާރު ކޯޑު ސްކޭންކޮށްލައިގެން ވެސް މި އެޕްލިކޭޝަނުން މީހުން ދެނެގަނެވޭނެއެވެ.

ޤަނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުން މި އެޕްލިކޭޝަންގެ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މުސްތަޤްބަލުގައި ކައުންސިލްތަކުން ވެސް މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ހަމަޖެހިގެންދާނެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިމިގްރޭޝަނުން ދެކެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ.