logo
banner image

ޕީސް ސެލޫން އެންޑް ސްޕާ' ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ 'ޕީސް ސެލޫން އެންޑް ސްޕާ' ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ 17ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ)އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން މުޙައްމަދު ސަމާމް ރަޝީދު (28އ)ފަސްދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިންދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހިންގާ ޚާއްސަ އޮޕަރޭޝަނުގައި އިމިގްރޭޝަނާއެކު ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ފާއިތުވި މުއްދަތުގެ ތެރޭގައިވެސް މާލެއާއި މާލޭ ސަރަޙައްދުގައި ބިދޭސީން ހަރަކާތްތެރިވާ އެކި ތަންތަނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ވަނީ ތަފާތު އޮޕަރޭޝަންތައް ހިންގާފައެވެ. އިމިގްރޭޝަނުން ހިންގި ތަފާތު އެކި އޮޕަރޭޝަންތަކުގެ ތެރޭގައި 9188 ބިދޭސީން މިހާތަނަށް ރާއްޖެ އިން ވަނީ ފޮނުވާލާފައެވެ.