logo
banner image

ނިއުދިއްލީގައި ހުންނަ ޖަރުމަން އެމްބަސީގެ ޕޮލިސް ލިއޭޒަން، ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފި

ނިއުދިއްލީގައި ހުންނަ ޖަރުމަނުވިލާތުގެ އެމްބަސީގެ ޕޮލިސް ލިއޭޒަން އެލެކްޒެންޑަރ ސްޓެފަން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާ ބައްދަލުކުރައްވައިފިއެވެ.

ކޮމިޝަނަރގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ޖަރުމަނުވިލާތުގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ޖަރުމަނު ވިލާތުގެ ކަމާގުޅޭ އިދާރާތަކުން ދިވެހި ފުލުހުންނަށް ތަމްރީނުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ޕޮލިސް ލިއޭޒަން އެލެކްޒެންޑަރ ސްޓެފަން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އެކި ކަންކަމުގައި ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، ޖަރުމަނު ވިލާތަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމުކަން ފާހަގަކުރައްވައި، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި އެ ގުޅުން ދެމެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތައް ވިލަރެސްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން، ޕޮލިސް ލިއޭޒަން އެލެކްޒެންޑަރ ސްޓެފަންއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.