ފުލުހުން ޚިދުމަތް ކުރަމުން އަންނަނީ އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން: ވަޒީރު
ފުލުހުން ޚިދުމަތް ކުރަމުން އަންނަނީ އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުން ފާހަގަކުރުމަށާއި، ރ. އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ބޭއްވިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ފުލުހުން ޚިދުމަތް ދެމުން އައީ ތަކުލީފުތަކާއި ވޭނާއި އެކިއެކި އިޙްސާސަތައް ފޮރުވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ޤައުމީ ވިސްނުމުގައި ކަމަށް ވިދާޅުވެފައެވެ.
އަދި ފުލުހުން ޚިދުމަތް ކުރަމުން އައީ އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން ކަމަށާއި އެހެންކަމުން މިއަދާ ހަމައަށް ފުލުހުން ކުރައްވާ ބުރަ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްވެގެން ތިބެ ޙިދުމަތް ދީފަ. މިކަން މިގޮތަށް ހިނގާތާ އެތަކެއް އަހަރެއް ވެއްޖެ. މި ސަރުކާރު ހަވާލުވުމުގެ ކުރިން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުންގޮސްފައި ވަނީ 121 ރަށުގަ. މީގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދެމުން އަންނަނީ އެންމެ 17 ރަށުގަ. އަމިއްލަ އިމާރާތްތަކަކީ ފުލުހުންގެ ޚިދުމަތް އެ ރަށެއްގައި ދޭން އެންމެ އެކަށީގެންވާ ގޮތެއްގައި ދޭން ބޭނުންވާ ވަސީލަތްކާއި، ބޭނުންވާ ޖާގަވެސް ނެތް ތަންތަން. އިލާތަކާ ދުުރުގައި ފުލުހުން ޚިދުމަތް ދެމުން އަންނައިރު ފުލުހުންނަށް ދިިރުއުޅޭނެ ތަންތަނެއްވެސް ނެތް. ވަޒީރު
ވަޒީރު ވިދާޅުވީ ފުލުހުން ޚިދުމަތް ދެމުން އައީ ދަތި އުނދަގުލުގައި ކަމަށާއި ފުލުހުން ޚިދުމަތް ދެމުން އައި ކަށިން ހިތްވަރު ނެރެގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރެއްވީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތްތައް ހޯދައިދެއްވުމަށް ކަމަށާއި އެގޮތުން ފުލުހުންގެ އަމިއްލަ މަރުކަޒުގައި ޤާއިމްވެ ތިބެގެން ޚިދުމަތް ދެވޭނެ ގޮތްތައް ހަމަޖެއްސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ 66 ރަށުގައި ދެ އަހަރު ނުވަނީސް ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިއުމަކީ ފުލުހުންގެ ޚިދުމަތް ހިންގުމަށް ތިބި މީހުންނާއި ފުލުހުންގެ އާދަޔާ ޚިލާފު ބުރަ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގެ 95 ރަށުގަ ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރިއަށް. އަދި ގިނަ އަދެއްގެ ފުލުހުން ބައެއް ހިސާބުތަކުގައި ބޭތިއްބުމަށް އެކަމަޑޭޝަން ބޮލްކްތައް ތަރައްޤީކުރުމުގެ މަސައްކަތް 4 ރަށެއްގަ މިވަގުތު ކުރިއަށް އެބަދޭ. އަދި ހަމައެއާއެކުގަ އިތުރު 39 ރަށެއްގަ ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކޮންޓްރެކްޓަރުންނާ ސޮއިކުރެވި ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުން. މިއީ ފުލުހުންގެ ތާރީޚުގައި ފުލުހުންގެ މުއައްސަސާ ވަރުގަދަ ކުރުމަށް އަދި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށް ފުލުހުންގެ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށްޓަކައި ކުރެވޭ އެންމެ ބޮޑު ތާރީޚީ މަސައްކަތް. ވަޒީރު
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފުލުހުންގެ ކިބައިން ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
