logo
banner image

ރ. އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ރ. އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީގެ އިތުރުން އިންނަމާދޫ ކައުންސިލްގެ ރައީސްއެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ ތާރީޚީ މަސައްކަތުގެ ނިމުން ފާހަގަކުރުމަށާއި ރ. އިންނަމާދޫގައި ފުލުހުންގެ މަރުކަޒެއް ހުޅުވުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއް ވަނީ ލޯންޗުކޮށްފައެވެ. މި ފޮތް ލޯންޗުކޮށްދެއްވީ ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި، މި މަސައްކަތުގައި އެހީތެރިވި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ މުވައްޒަފުންގެ ތެރެއިން ޖުމްލަ 13 ފަރާތަަކަށް ވަޒީރު ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ޤާއިމްކޮށްދެއްވުމަށް ވަޒީރު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަޒީރަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައިވެއެވެ.

އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 23ވަނަ ދުވަހު ބިންގާ އެޅި، މިހާރު މަސައްކަތް އެއްކޮށް ނިމިފައިވާ ތަނެކެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭރު އެންމެ ފަހުން މި ޚިދުމަތް ޤާއިމްކުރެވިފައިވަނީ ރ. އަތޮޅު ރަސްގެތީމުގައެވެ.